ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފި (17.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލުމަޖިލީހަށް ހުށަހަޅުއްވައި، އެބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފިއެވެ. މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް އިތުރު މެންބަރުން ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައިވަނިކޮށް މިއަދުގެ ޖަލްސާގެ ވަގުތުހަމަވުމާގުޅިގެން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުމާއި، “މޯލްޑިވްސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ސަރވިސް” ގެ ނަމުގައި ވަކި ޚިދުމަތެއް އުފައްދައި، އެ ޚިދުމަތް ހިންގަމުންގެންދާނެ އުސޫލުތައް ކަނޑައެޅުމާއި، ދިވެހި ދައުލަތުގެ އާމްދަނީއާއި މުޖުތަމަޢުގެ ޙައްޤުތަކަށް ރައްކާތެރިވެ ތިބެ، ދިވެހިރާއްޖެއަށް އަންނަ މީހުންނާއި، އުޅަނދުފަހަރާއި، އެތެރެކުރާ މުދަލާއި، ދިވެހިރާއްޖެއިން ފުރާ މީހުންނާއި، އުޅަނދުފަހަރާއި، ބޭރުކުރާ މުދަލާގުޅޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ރާއްޖެއިން ފުރާ އުޅަނދުފަހަރު ޚާއްޞަ ގޮތެއްގައި ބަލައި ފާސްކުރުމާއި، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ މީހުންނާއި، ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ގެންދާ ތަކެތީގެ ތެރެއިން ޝައްކުކުރެވޭ ތަކެއްޗާއި މީހުން ބަލައި ފާސްކުރުމާއި، ރަސްމީ ވިޔަފާރި ބަނދަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުފަހިކުރުމާއި އަދި ކަސްޓަމްސާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޢަމަލުކުރެވޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަސްޓަމްސްގެ އިޖުރާއަތުތައް ލުއިކޮށްދީ، އެއިޖުރާއަތުތައް އެއްގޮތް ކުރުމާއި، އެ އިޖުރާއަތުތަކަށް ޢަމަލުކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި ބިލުހުށަހެޅުއްވި މެންބަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
64 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޞިލް އަޙުމަދު ނާޒިމްއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 19 އޯގަސްޓް 2010 ވާ ބުރާސްފަތިދުވަހު ހެނދުނު 10:30 ގައެވެ.