ދިވެހިރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި (16.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލް އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން މިބިލް ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވުނީކަމަށް ރިޔާސަތުންވަނީ ނިންމަވާފައެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވަވައި ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތަށްވަނީ ފާސްކުރައްވައިފައެވެ. މިގޮތުން ޔޫރަޕިއަން ކޮމިއުނިޓީޒްއަށާއި ބެލްޖިއަމް ސަރުކާރަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު، އަލްފާޟިލް ޢާދަމް ޙަސަން/ހ.އޭޝަންލޮޖް، ސަޢޫދީ އަރައްބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) އަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި، މިޞްރު، ސީރިއާ، ލެބަނަން، އަދި ލީބިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނަން-ރެސިޑަންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްވަނީ ފާސްކުރައްވާފައިވެއެވެ.

އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑޮކްޓަރ ފަރްޙަނާޒް ފައިސަލް/ ހ.އަމީނީގެ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ޑެންމާކް، ނޯވޭ، ފިންލެންޑް، ސުވިޑްން، ސްޕެއިން، ފްރާންސް އަދި ފަލަސްޠީނަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްކުރަައްވައި، އަދި ސަޢޫދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، އަލްފާޟިލް ޙުސައިން ޝިހާބް/ މ.ކަލީ، ސްރީލަންކާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްވެސްވަނީ ފާސްކުރައްވައިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް ޢަލީ ޙުސައިން ދީދީ/ ހ.މާލެތިލަ، ޔޫރަޕިއަން ކޮމިއިނިޓީޒްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި، ބެލްޖިއަމް ސަރުކާރަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، އަދި ނެދަލޭންޑްސް، ލަގްޒަންބާގް އަދި ރަޝިއާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްކުރެއްވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ޖެނީވާގައި ހުންނަ، އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށާއި، ސްވިޓްޒަރލަންޑް ސަރުކާރަށާއި އަދި ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު، އަލްފާޟިލާ އިރުތިޝާމް ޢާދަމް/ ހ.އޯކިޑް، މިހާރު ހުންނެވި މަގާމުތަކުގެ އިތުރުން ޖާރމަނީ، އިޓަލީ އަދި ތުރުކީ ވިލާތަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްވެސް ވަނީ ފާސްކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިންނާއި ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެކުރިން ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކޮށްފައިވާ ހ.ސީވީޑް، އަލްފާޟިލް އަޙްމަދު ލަޠީފް އެމަޤާމުގައި ދެމިހުންނެވުމާއިމެދު ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދި ހުށަހަޅުއްވާފައިވާތީ އެނަންފުޅު ދިރާސާކުރައްވާ ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ރިޕޯޓްގައިވާ ގޮތުގެމަތިން ހ.ސީވީޑް، އަލްފާޟިލް އަޙްމަދު ލަޠީފް އެމަޤާމުގައި ދެމިހުންނެވުމަށް މަޖިލީހުން މަޝްވަރާދެއްވުމަށް ވަނީ ފާސްކުރައްވައިފައެވެ.

65 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޞިލް އަޙުމަދު ނާޒިމްއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 17 އޯގަސްޓް 2010 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައެވެ.