މިއަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާ މިއަދު ބާއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ (ޤާނޫނު ނަންބަރު6/2006 ) 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، ދަފްތަރު ނަންބަރ ރސ. 1548 އަލްފާޟިލް މުޙައްމަދު ޒާހިދު އެކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް 57 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މިމައްސަލަ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލީ ސަލީމްއެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން “އެގްރީމެންޓް ބިޓްވީން ދަ ގަވަރމެންޓް އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެންޑް ދަ ގަވަރމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ދަ ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސް“ ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު، އެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރެއްވިއެވެ. މި ރިޕޯޓް މަޖިލީހުން ފާސްކުރެއްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީއިން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ރިޒާއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 2 މެންބަރަކު   ވާހަކަފުޅުދެއްކެވިއެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ހ. ފޮއްދޫގެ، އަލްފާޟިލް މުޙައްމަދު ނަޝީދުގެ ނަންފުޅު ވޯޓުގައި ބައިވެރިވެވަޑައިގެން 70 މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. މިމައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ރިޒާއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 1 މެންބަރަކު   ވާހަކަފުޅުދެއްކެވިއެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) އަށް 7 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލަވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 3 ނަންފުޅެއް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރެއްވިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރައްވާފައިވާ ނަންފުޅުތަކަކީ، ގއ. ކަނޑުހުޅުދޫ/ ހެޕީ ކޯނަރ، އަލްފާޟިލް ޢާމިރު ޢަލީ،  ސ. ހިތަދޫ /ފަރުދާބަގީޗާގެ، އަލްފާޟިލް އަޙްމަދު ޙަސަން އަދި  ފ. ނިލަންދޫ/ ހަތިކޮޅު، އަލްފާޟިލާ މިންނާ ރަޝީދުގެ ނަންފުޅެވެ. މި މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީއިން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ރިޒާއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 ޖޫން 2017 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

18 ރަމަޟާން 1438

13 ޖޫން 2017