ޗައިނާގެ ހެއިލޮންގްޖިއާންގ ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

123456ޗައިނާގެ ހެއިލޮންގްޖިއާންގ ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއަރ މެޑަމް ފޫ ފެންގްޗުންގ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އަރިހަށް  މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެގޭގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވައިސް ޗެއަރ މެޑަމް ފޫ ފެންގްޗުންގގެ މިދަތުރުފުޅުގެ ސަބަބުން މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ތަރައްޤީގެ މަގުގައި  ވެދެއްވަމުން ގެންދަވާ މަތިވެރި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މެޑަމް ފޫ ފެންގްޗުންގ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގައި ހެއިލޮންގްޖިއާންގ ޕްރޮވިންސްއާއި ރާއްޖެއާދެމެދު އެއްބާރުލެވިގެން ކުރެއްވިދާނެ މުހިންމުކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެއްވިއެވެ. އަދި މެޑަމް ފޫ ފެންގްޗުންގގެ މި ދަތުރުފުޅުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއި ޗައިނާގެ ހެއިލޮންގްޖިއާންގ ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެޑަމް ފޫ ފެންގްޗުންގގެ އަރިހުގައި ޗައިނާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މެޑަމް ފޫ ފެންގްޗުންގގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިމަހުގެ 10އިން 12އަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.

15 ޝައުބާން 1438
11 މެއި 2017

_DSC8587_DSC8619_DSC8668