ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވައިފި

88959_7c4b2b98-2_ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވައިފިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަަބްދުލްޤައްޔޫމަށް ދެންނެވުމުން، ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗައް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވަވާދެއްވިއެވެ.

މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވުނު މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވުމަށް ދަރުބާރުގެއަށް ވަޑައިގަތުމުން އެމަނިކުފާނާ އިސްތިޤްބާލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާއި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނެވެެ. ރައީސުލްޖުމްހޫރިއްޔާ ދަރުބާރުގެއަށް ވަޑައިގަތުމުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން ޝަރަފުގެ ގާޑު ރިޔާސީ ކުރުނީސް އެރުވުން އޮތެވެ.

މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެހެން ޢިއްޒަތްތެރިންނާއި ބޭރު ގައުމުތަކާއި ޖަމާޢަތްތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.