ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައި، އުއްތަމަފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙުމަދު ފާއިޒް ޙުސައިންގެ ނަންފުޅު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް ޢައްޔަނުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ 6 ނަންފުޅު ފާސްކުރައްވައިފި(10.8.2010)

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމެވިގޮތަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައި، އަދި އުއްތަމަފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙުމަދު ފާއިޒް ޙުސައިންގެ ނަންފުޅު ފާސްކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް ޢައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ 6 ނަންފުޅު  ފާސްކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް  ފާސްކުރެއްވި ނަންފުޅުތަކަކީ އައްޝައިޚް ޢަބްދުﷲ ޢަރީފް ނޫރާނީމާގެ / އއ. ތޮއްޑޫ، އަލްއުސްތާޛު ޢަލީ ޙަމީދު މުޙަންމަދު، މާލެހިޔާ 2 03-14، އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ ފަށުވިމާގެ / ލ. މާވަށު، އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ދަފްތަރު 4040، އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން މ. ގުލްފާމްގެ އަދި ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ ކޯޒީރައުންޑް، ސ.ހިތަދޫއެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިންނާއި ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކޮށްފައިވާ ހ.ސީވީޑް، އަލްފާޟިލް އަޙްމަދު ލަޠީފް އެމަޤާމުގައި ދެމިހުންނެވުމާއިމެދު ގޮތެއްނިންމެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން އެނަންފުޅު މަޖިލީހުގައި އިޢުލާންކުރެއްވުމަށްފަހު، އެނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާންކުރެއްވުމަށްފަހު، އެނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/ (ފަނޑިޔާރުންގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ އިއްވަވާފައެވެ. އަދި މިބިލުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް ފާސްކުރައްވައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިންވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ އެބިލު ފޮނުއްވާފައެވެ.

72 މެންބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.