18 ވަނަ ރައްޔިތުންގެ މަޖިލީހުން %98.9 ގެ އުފެއްދުންތެރިކަން ހާޞިލްކުރެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން %98.9 ގެ އުފެއްދުންތެރިކަން ހާޞިލްކުރެވިފައިވާކަމަށް ވިދާޅުވެއްޖެއެވެ.
28 މެއި 2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފަހު ޖަލްސާއާއި ހަމައަށް ޖުމްލަ 380 މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 376 މައްސަލައެއް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، 2016 ވަނަ އަހަރު މަޖިލީހަށް ލިބިފައިވާ މަސައްކަތްތަކުގެ ތެރެއިން %97.6 ގެ އުފެއްދުންތެރިކަން ހާޞިލްކުރެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށާއި، އިދާރީ މުވައްޒަފުންނަށާއި، އަދި މަޖިލީހުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންގެންދަވާ މީޑިޔާގެ ހުރިހާ ފަރާތްތަކަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ޝުކުރު އަދާކުރެއްވިއެވެ.

24 ޞަފަރު 1438
24 ނޮވެމްބަރ 2016