ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު ހަމަޖެއްސެވުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު ހަމަޖެއްސެވުމަށް 69 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. 6 މެންބަރުން ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުން ކްލެމެންސީ ބޯޑަށް ޢައްޔަންކުރައްވާފައިވާ މެންބަރު މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/10) ގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މަޤާމުން ވަކިކުރައްވާފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (މ) ގެ ދަށުން ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރުން ޢައްޔަންކުރައްވާ މެންބަރަކު ހޮވުމުގެ މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅުއްވައި، އެ ބޯޑަށް ނަން ހުށަހެޅުއްވުމަށް ފުރުޞަތު އެރުވުމުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ތާއީދުކުރައްވާފައިވަނީ އެ ބޯޑަށް އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު ހަމަޖެއްސެވުމަށެވެ.

24 ޞަފަރު 1438
24 ނޮވެންބަރު 2016