މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމެވި ރިޕޯޓަށް މިއަދު ބަހުސްކުރައްވައިފިއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ. ކޮމިޓީ ރިޕޯޓަށް ކަނޑައެޅުއްވާފައިވާ ބަހުސް ވަގުތުގައި 26 މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.
މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 18 އިޞްލާހެއް ހުށަހެޅިފައިވެއެވެ.
“ބަޖެޓް ދިރާސާ ކުރާ ކޮމިޓީ” އަކީ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިފައިވާ ކޮމިޓީއެކެވެ. 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވަނީ 8 ނޮވެންބަރ 2016 ވީ އަންގާރަ ދުވަހުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 ނޮވެންބަރ 2016 ވާ ބުރާސްފަތިދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.