ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޝާހް ހުށަހަޅުއްވާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު 94/6) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޖުތިމާޢީ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް 43 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ރިޕޯޓް ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 23 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 3 މެންބަރުން ވޯޓްދެއްވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 14 ނޮވެމްބަރ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ.