ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު 10/2010) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް، 44 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 23 މެންބަރުން ވޯޓު ދެއްވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 16 ނޮވެމްބަރ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ 09 ވަނަ ޖަލްސާގައެވެ.