އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް (ޤާނޫނު 11/2008) އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް، 58 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 16 ނޮވެމްބަރ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ 09 ވަނަ ޖަލްސާގައެވެ.