ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ވިލިނގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު ސައުދު ޙުސައިން ހުށަހަޅުއްވާފައިވާ، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު 2013/4) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް 38 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވައިފިއެވެ. މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 28 މެންބަރުން ވޯޓު ދެއްވިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 26 މެންބަރުން ވާހަކަދެއްކެވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 20 ނޮވެމްބަރު 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 ނޮވެމްބަރު 2016 ވާ އަންގާރަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.