4 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، 4 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.
މިގޮތުން، ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 2008/11) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 9 މެންބަރުން ވާހަކަދެއްކެވިއެވެ.

އަދި، ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/10) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 3 މެންބަރުން ވާހަކަދެއްކެވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/69) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި އެއް މެންބަރަކު ވާހަކަދެއްކެވިއެވެ.

މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ބަނދަރުކުލި ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/66) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާފައިވެއެވެ.