ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރު، 43 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ. މި ޤަރާރު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 25 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ މި ޤަރާރަކީ ރައްޔިތުންގެ މަޖިލީހުން ކްލެމިންސީ ބޯޑަށް ޢައްޔަން ކޮށްފައިވާ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ.

މިއަދުގެ ޖަލްސާގައި މި ޤަރާރު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިންނެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރަށް 19 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ނޮވެންބަރު 2016 ވާ އާދިއްތަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.