ކޮމަންވެލްތްގެ މެންބަރުކަމުން ދިވެހިރާއްޖެ ވަކިވުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫއްރިއްޔާ ފޮނުއްވާފައިވާ މައްސަލަ މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، 19 ޖުލައި 2016 ގައި ކޮމަންވެލްތްގެ މެންބަރުކަމުން ދިވެހިރާއްޖެ ވަކިވުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫއްރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް 39 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި މައްސަލަ ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓްދެއްވިއެވެ.

މިމައްސަލައިގެ ބަހުސް އެންމެ ފުރަތަމަ ކުރިއަށް ގެންދެވިފައިވަނީ 20 ޖުލައި 2015 ވީ ހޯމަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ. އަދި މި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 18 އޮކްޓޫބަރު 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިން ވަނަ ޖަލްސާގައެވެ.