ދިވެހިރާއްޖޭގެ ފަރާތުން ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ ދެ ނަންފުޅެއް، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC5663މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތުން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ހ. މީނާޒް، އަލްފާޟިލް ޙަމްދޫން ޢަބްދުﷲ ޙަމީދުގެ ނަންފުޅު ފާސްކުރެއްވުމަށް ވޯޓުދެއްވާފަިއވަނީ 49 މެންބަރުންނެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 2 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

އަދި، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މއ. ރެސްޓިންގހައުސް، އަލްފާޟިލާ ފާޠިމަތު ޢިނާޔާގެ ނަންފުޅު ފާސްކުރެއްވުމަށް ވޯޓުދެއްވާފައިވަނީ 49 މެންބަރުންނެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 3 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

 

މި އަދުގެ ޖަލްސާގައި، މި މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ދީދއެވެ.

17 މުޙައްރަމް 1438

18 އޮކްޓޯބަރ 2016