މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC7615މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، “ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ” ގެ ނަމުގައި 2016 ޖޫން 21 ވަނަ ދުވަހު އެމްބަސީއެއް އުފައްދަވައި، އެ އެމްބަސީއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްކަމުގައި ހަމަޖައްސަވައި، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ގޮތެއް ނިންމެވި ގޮތަށް 48 މެންބަރުން އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 3 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ.

17 މުޙައްރަމް 1438

18 އޮކްޓޯބަރ 2016