މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ “ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު” މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، މަސައްކަތަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވި ގޮތަށް ފާސްކުރައްވައިފި

_DSC0052-Pano މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ “ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު” 2016 ޖޫން 22 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، މަސައްކަތަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ.

މިމައްސަލަ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރެއްވުމަށް ވޯޓުދެއްވާފައިވަނީ 47 މެންބަރުންނެވެ. މައްސަލަ، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 3 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ.

17 މުޙައްރަމް 1438

18 އޮކްޓޯބަރ 2016