ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ފުރާވަޑައިގެންފި

18 އޮކްޓޯބަރ 2016، ގަޑި: 13:06

_dsc2496ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން ހިޒް އެކްސަލަންސީ މިއާން ރަޒާ ރައްބާނީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މޫސާ މަނިކެވެ.

ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މޫސާ މަނިކާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

17 މުޙައްރަމް 1438

18 އޮކްޓޯބަރ 2016