ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގެންފި

_dsc8068ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް އޮމާންގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ޗެއާރމަން (ޝޫރާ ކައުންސިލްގެ ރައީސް) ހިޒް އެކްސަލެންސީ ޚާލިދު ބިން ހިލާލް އަލް މަޢްވަލި، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
_dsc8142އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއާއި ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މޫސާ މަނިކުއާއި މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން ޕާޓީތަކުގެ އިސްމެންބަރުންނެވެ.
މި ދަތުރުފުޅުގެ ރަސްމީ ޕްރޮގްރާމް މާދަމާއިން ފެށިގެން ކުރިއަށް ދާގޮތަށްވަނީ އިންތިޒާމް ކުރެވިފައެވެ. އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސްގެ މިދަތުރުފުޅުގައި ޝޫރާ ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަނެއެވެ.

24 ޛުލްޙިއްޖާ 1437
25 ސެޕްޓެމްބަރ 2016