ޖެންޑަރ އިކުއަލިޓީގެ ބިލު، ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މާފަންނުމެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ، ޖެންޑަރ އިކުއަލިޓީގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި އެއް އިޞްލާހާއެކު، 67 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދުއެވެ. މި ރިޕޯޓަށް 8 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ._DSC0015
މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ފެބުރުއަރީ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައެވެ. އަދި، 22 ފެބުރުއަރީ 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 އޯގަސްޓް 2016 ވާ ބުދަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

13 ޛުލްޤަޢިދާ 1437
16 އޯގަސްޓް 2016