ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާހެއްނުވިއެވެ.
މިބިލު ފާސްނުވީ، ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައިވާގޮތުގެ މަތިން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. މިބިލު ފާސްކުރެއްވުމަށް ވޯޓުދެއްވާފައިވަނީ 47 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. _DSC0068
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 24 ނޮވެމްބަރ 2014 ގައި ބޭއްވުނު މަޖިލީހުގެ ތިން ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި، 2 ޑިސެމްބަރ 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.

13 ޛުލްޤަޢިދާ 1437
18 އޮގަސްޓް 2016