ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ސަލީމްއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 24 ނޮވެމްބަރ 2014 ގައި ބޭއްވުނު މަޖިލީހުގެ ތިން ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި، 2 ޑިސެމްބަރ 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 އޯގަސްޓް 2016 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.