ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކޮށްފައިވާ ކަރުދާހާއެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ވަގުތީ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކޮށްފައިވާ ކަރުދާހާއެކު
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، އެމައްސަލަ ދިރާސާކުރެއްވުމަށް ހޮއްވެވި 11 މެންބަރުންގެ ވަގުތީ ކޮމިޓީން ނިންމެވިގޮތަށް، 57 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ ނައިބު މުޤައްރިރު ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި
މެންބަރު ރިޔާޟް ރަޝީދުއެވެ. މި ރިޕޯޓަށް 5 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކޮށްފައިވާ ކަރުދާހާއެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައިވަނީ 21 ޖޫން 2016 ވީ އަންގާރަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.