ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ސަލީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް71 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ރިޕޯޓަށް 10 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 20 ޖޫން 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ. އަދި ބިލު ދިރާސާކުރެއްވުމަށް، ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 27 ޖޫން 2016 ވީ ހޯމަދުވަހު އޮތް މިއަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 އޯގަސްޓް 2016 ވާ އަންގާރަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

5 ޛުލްޤައިދާ 1437
8 އޯގަސްޓް 2016