ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ގޮތަށް ފާހެއްނުވި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާހެއްނުވިއެވެ.
މިބިލު ފާސްނުވީ، ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައިވާގޮތުގެ މަތިން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. މިބިލު ފާސްކުރެއްވުމަށް ވޯޓުދެއްވާފައިވަނީ 51 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. ދެ މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ. މި ރިޕޯޓަށް 4 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 18 ޖުލައި 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ. އަދި ބިލު ދިރާސާކުރެއްވުމަށް، ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 1 އޯގަސްޓް 2016 ވީ ހޯމަދުވަހު އޮތް މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ.

5 ޛުލްޤައިދާ 1437
8 އޯގަސްޓް 2016