ފަސް ވަޒީރަކަށް ރުހުން ދިނުމަށް ފެންނަކަމަށް މަޖިލީހުގެ އިއްތިފާގުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، މިނިސްޓަރ އޮފް ހެލްތާއި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނަންފުޅުތަކަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވި ގޮތަށް، ރުހުން ދިނުމަށް ފާސްކުރައްވައިފިއެވެ.
ވަކި ވަކިން ނެގުނު މި ވޯޓުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ކަމަށް ހ.އޯކިޑް އަލްފާޟިލާ އިރުތިޝާމް އާދަމްއަށް ރުހުންދިނުމަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް ގދ. މަޑަވެލި / ގަހާ އަލްފާޟިލް އަޙްމަދު މުނައްވަރަށް ރުހުންދިނުމަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މިނިސްޓަރ އޮފް ހެލްތް ކަމަށް ޅ. ހިންނަވަރު/ ބޮޑުފެންޑާގެ އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމްއަށް ރުހުންދިނުމަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ކަމަށް މ.ނޫރާނީގެ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އަށް ރުހުންދިނުމަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް، ގ.ވައިޖެހޭގެއާގެ، ޑޮކްޓަރ މުޙައްމަދު ޢާޞިމަށް ރުހުންދިނުމަށް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

5 ޛުލްޤައިދާ 1437
8 އޯގަސްޓް 2016