ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަޖިލީހުން ބަލައިގަތުމަށް 42 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ބިލު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 22 މެންބަރުން ވޯޓް ދެއްވާފައިވާއިވެއެވެ. 2 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 2 މެންބަރުން ވާހަކަދެއްކެވިއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 18 ޖުލައި 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

27 ޝައްވާލް 1437
1 އޮގަސްޓް 2016