އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 38 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި 11 މެންބަރުންގެ ވަގުތީ ކޮމިޓީ އަށް ފޮނުއްވައިފިއެވެ.
ބިލު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 28 މެންބަރުން ވޯޓް ދެއްވާފައިވާއިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 31 މެންބަރުން ވާހަކަދެއްކެވިއެވެ.
މިބިލު ދިރާސާކުރެއްވުމަށް އެކުލަވާލެވުނު ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދުދީދީ، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 19 ޖުލައި 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

27 ޝައްވާލް 1437
1 އޮގަސްޓް 2016