މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކޮށް ނިންމެވި ރިޕޯޓަށް މާލިއްޔަތު ކޮމިޓީން ހުށަހަޅުއްވާ 3 ވަނަ އިޞްލާޙާގުޅޭ ރިޕޯޓު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކޮށް 25 ޑިސެންބަރު 2012 ގައި ނިންމެވި ރިޕޯޓަށް މާލިއްޔަތު ކޮމިޓީން ހުށަހަޅުއްވާ 3 ވަނަ އިޞްލާޙާގުޅޭ ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މި ރިޕޯޓް ފާސްކުރެއްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މި ރިޕޯޓް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، މާލިއްޔަތު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ. މިރިޕޯޓަށް އެއް މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ޖުލައި 2016 ވާ ބުދަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

14 ޝައްވާލް 1437
19 ޖުލައި 2016