މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2007) އަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 46 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. ބިލު، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 22 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޒު ރަޝީދެވެ. މި ރިޕޯޓަށް 12 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 7 ޖޫން 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. އަދި، 13 ޖޫން 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ޖުލައި 2016 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
13 ޝައްވާލް 1437
18 ޖުލައި 2016