ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ މަޖިލީހުން ބަލައިގަތުމަށް، 35 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 20 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 37 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. އަދި ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުން ވޯޓް ދެއްވާފައިވާއެވެ.

މި މިބިލުގެ އިބްތިދާއީ ބަހުސްގައި 20  މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

16 ރަމަޟާން 1437

21 ޖޫން 2016