ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންފި

_DSC7480

ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ކަރީމުﷲ އަކްބަރު ޚާން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި، މަޖިލީހުގެ ރައީސްގެ އަރިހަށް ސެކްރެޓަރީ ޖެނެރަލް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މަޖިލިސްކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، އެގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާރޓީތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ. މީގެއިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
15 ޝަޢުބާން 1437
22 މެއި 2016

___________________________________________________________________
އެޑިޓަރުންނަށް ނޯޓެއް:
ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގައި ދިވެހިރާއްޖެ ބައިވެރިވެފައިވަނީ 2000 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން ސީ.ޕީ.އޭ. ގެ ޙަރަކާތްތަކުގައި ރައްޔިތުންގެ މަޖިލީހުން އަންނަނީ ބައިވެރިވަމުންނެވެ.
ސެކްރެޓަރީ ޖެނެރަލްކަމަށް ކަރީމުﷲ އަކްބަރުޚާން 4 އަހަރުގެ ދައުރަކަށް އިންތިހާބުވެފައިވަނީ 2015 ވަނަ އަހަރު ލަންޑަންގައި ބޭއްވި 61 ވަނަ ކޮމަންވެލްތް ޕާލިމަންޓްރީ ކޮންފަރެންސްގައެވެ. އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުއެވެ.