ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޝާޙު ހުށަހަޅުއްވާފައިވާ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި އިޞްލާހާއެކު، 49 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 8 މެންބަރަކު ވޯޓްދެއްވިއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޚަލީލުއެވެ. މި ރިޕޯޓަށް 12 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 15 ފެބްރުވަރީ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި، 29 ފެބްރުވަރީ 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައިވަނީ، ބިލު ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

13 ރަޖަބު 1437
20 އޭޕްރީލް 2016