ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާގައި، ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުބީން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނު (ޤާނޫނު ނަންބަރު 69/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 52 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 4 މެންބަރަކު ވޯޓްދެއްވިއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ. މި ރިޕޯޓަށް 14 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 28 މާރިޗު 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި، 4 އޭޕްރީލް 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައިވަނީ، ބިލު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

13 ރަޖަބު 1437
20 އޭޕްރީލް 2016