ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފާހެއްނުވި

ertertetމިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާގައި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/1) އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާގެ (މ) ގައިވާގޮތުގެ މަތިން ބާތިލްވެއްޖެއެވެ.

މި ބިލް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 11 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ފެނިވަޑައިނުގަންނަވާ ކަމަށް 43 މެންބަރުން ވޯޓިދެއްވާފައެވެ. ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 5  މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން  ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ. މި ރިޕޯޓަށް 10 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 30 މާރިޗު 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. އަދި، 5 އޭޕްރީލް 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައިވަނީ، ބިލު ދިރާސާކުރެއްވުމަށް  ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

12 ރަޖަބު 1437

19 އޭޕްރީލް 2016