ސްވިސް ކޮންފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ހ. މީނާޒް، ޑޮކްޓަރ ހާލާ ޙަމީދު ޢައްޔަނުކުރައްވަން މަޝްވަރާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި

DSC0649މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ސްވިސް ކޮންފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ، ހ. މީނާޒް، ޑޮކްޓަރ ހާލާ ޙަމީދު ޢައްޔަންކުރެއްވުމަށް  މަޝްވަރާއެރުވުމަށް  65 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އެވެ.

ހ. މީނާޒް، ޑޮކްޓަރ ހާލާ ޙަމީދުގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައިވަނީ 5 އޭޕްރީލް 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ.

11 ރަޖަބު 1437

18 އޭޕްރީލް 2016