ޢާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން އަލުން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC5663މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ޢާއިލާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2000/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން އަލުން ދިރާސާކުރައްވައި ނިންމެވިގޮތަށް 50 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

ބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 4 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް 5  މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދުއެވެ. މި ރިޕޯޓަށް 13 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި، 25 ނޮވެންބަރު 2015 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައިވަނީ، ދިރާސާކުރެއްވުމަށް އަލުން އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

11 ރަޖަބު 1437

18 އޭޕްރީލް 2016