ޖިނާއީ އިޖުރާއަތުގެ ބިލަށް މަޖިލީހުން ގެންނެވި 10 އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި 10 އިޞްލާހާއެކު، 68 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ. މި ރިޕޯޓަށް 8 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 10 ޑިސެމްބަރު 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ. އަދި، 15 ޑިސެމްބަރު 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

11 ރަޖަބު 1437

18 އޭޕްރީލް 2016