ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން އިތުރަށް ދިރާސާކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ފާސްކުރައްވައިފި

_DSC2732މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 25 ވަނަ ޖަލްސާގައި، ގަމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފައްޔާޟް އިސްމާޢީލް ހުށަހަޅުއްވާފައިވާ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިސްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް، މަޖިލީހުން އިތުރަށް ދިރާސާކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކަމަށް 40 މެންބަރުންގެ ވޯޓުން ނިންމަވައި، މި ބިލް ބާތިލްކުރައްވައިފިއެވެ.

މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 22 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުއެވެ. މި ރިޕޯޓަށް 12 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ފެބުރުއަރީ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި، 23 ފެބުރުވެރީ 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރެއްވުމަށް އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 އޭޕްރީލް 2016 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

5 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016