މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 94/6) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 53 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
ބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 3 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުއެވެ. މި ރިޕޯޓަށް 13 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 15 ފެބުރުވަރީ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި، 8 މާރިޗު 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރެއްވުމަށް އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވާފައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި، ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުކަރީމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ. އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 13 މެންބަރުން މިނިސްޓަރާއި ސުވާލުކުރައްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 އޭޕްރީލް 2016 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
5 ރަޖަބު 1437
12 އޭޕްރީލް 2016