ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާގެ (މ) އިޞްލާޙުކުރެއްވުމަށާއި، އެމާއްދާގެ (ފ) އުނިކުރެއްވުމަށާއި، 111 ވަނަ މާއްދާގެ (ނ) އުނިކުރެއްވުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 39 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. 8 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވައިދެއްވީ، ޢާންމު ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ. މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް 14 މެންބަރުން ވާހަކަދެއްކެވިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ތ. ހިރިލަންދޫ އަދި ކިނބިދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ފެށޭނެ ތާރީޚެއް ސާފުކޮށްދެއްވުމަށް އެދި ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހީމްއާ ސުވާލުކުރެއްވިއެވެ. އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 15 މެންބަރުން މިނިސްޓަރާއި ސުވާލުކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 އޭޕްރީލް 2016 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.