ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

_DSC1174މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/9) އަށް އިޞްލާޙު ގެނައުމުގެ ބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 43 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.  މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 23 މެންބަރުން ވޯޓް ވޯޓްދެއްވާފައިވެއެވެ.

މިބިލުގެ ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވައިދެއްވީ، 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 10 މެންބަރުން ވާހަކަދެއްކެވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ފެބުރުވަރީ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މިބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 28 މާރިޗު 2016 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 އޭޕްރީލް 2016 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

27 ޖުމާދަލްއޫލާ 1437

5 އޭޕްރީލް 2016