ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

_DSC9581މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި، ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް 36 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 21 މެންބަރުން ވޯޓް ދެއްވާފައިވާއިވެއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 19 މެންބަރުން ވާހަކަދެއްކެވިއެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 22 މާރިޗު 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 މާރިޗު 2016 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

20 ޖުމާދަލްއާޚިރު 1437
29 މާރިޗު 2016