މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/9) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް 44 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައިފިއެވެ.
މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވާއިވެއެވެ.
މިބިލު ދިރާސާކުރެއްވުމަށް އެކުލަވާލެނު 7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މާރިޔާ އަޙްމަދުދީދީ، ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙްމަދު، މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝަރީފް، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު، ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް އަދި ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދުއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 25 މެންބަރުން ވާހަކަދެއްކެވިއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ފެބުރުވަރީ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 މާރިޗު 2016 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
19 ޖުމާދަލްއާޚިރު 1437
28 މާރިޗު 2016