މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި (1.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާ ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު  ވިދާޅުވީ އެޖެންޑާގައި މިވާ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދެވޭނެ މަގަކީ ކޮބައިތޯ ބެއްލެވުމަށް، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކުރެވުނުކަމަށެވެ. މިގޮތުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ވަނީ ބައްދަލުވުންތައް ބޭއްވިފައިކަމަށެވެ. އަދި އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ގަޑި އާއި ބެހޭ ގޮތުން އެރި އޮޅުމެއްގެ ސަބަބުން އެ ބައްދަލުވުން ވަނީ ބޭއްވޭގޮތް ނުވެފައިކަމަށެވެ. އެހެންކަމުންް އެކަމާއި ގުޅިގެން ޕާޓީތަކުގެ އެންމެ އިސް ބޭފުޅުން މަޖިލީހުގެ ރައީސަށް ގުޅުއްވާ އެ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދިއުން އެއީ މުހިއްމު ބޭނުންތެރި ކަމެއް ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެދެއްވުމުން، އަދި އެކަން އެގޮތަށް ޤަބޫލު ކުރެވޭތީ މިއަދުގެ ވަގުތުތަކުގައި ވެސް އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެ ވަޑައިގެންފައިކަމަށެވެ. އަދި ހަމަ އެއާއެކު އެޖެންޑާއގައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން ނިންމަން ޖެހޭ މަސައްކަތްތަކަށް ވަގުތު ހޯދާ އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން މިއަދު ތިން ކޮމެޓީއެއްގެ މަސައްކަތް ވެސް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ވަނީ އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޝްވަރާ ދެއްވާފައިކަމަށެވެ. މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައްދަލު ކުރެއްވުމުގެ ވަޞީލަތްތައް މަޖިލީހުގައި ހަމަޖައްސާ ދެވޭނެކަމާއި އަދި މިކަމާއި ބެހޭ ގޮތުން އެބޭފުޅުން ބޭނުންފުޅުވެއްޖެ ކޮންމެ ހާލަތެއްގައި ވެދެވެން އޮތް ހުރިހާ އެހީއެއް ވަމުން ގެންދާނެކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނީ އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި ހުރިހާ ފަރާތަކުން ވާހަކަ ދެކެވި ލަނޑުދަނޑިތައް ޙާސިލުކުރުމަށް މަސައްކަތް ކޮށްގެންކަމަށެވެ.

ޖަލްސާ ނިންމަވާލައްވަމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރިއާސަތުން އިޢުލާން ކުރެއްވިއެވެ. އަދި މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ސިޔާސީ ޕާޓީތަކުން މިހާރު ފަށްޓަވާފައިވާ ވާހަކަތައް ކުރިއަށް ގެންދެވުމަށް ޕާޓީތަކަށް ފުރުޞަތު އެރުވުމުގެ ގޮތުން ޕާޓީތަކުން އެކަން އެގޮތަށް ގެންދިއުމަށް މަޖިލީހުގެ ރައީސަށް ލަފާ އަރުވާފައިވާތީކަމުގައިވެސް ރިއާސަތުން އިޢުލާންކުރެއްވިއެވެ.