ޕާޓްނަރޝިޕްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC8803މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވާފައިވާ، ޕާޓްނަރޝިޕްގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/13) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 43 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

ބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޚަލީލެވެ. މި ރިޕޯޓަށް 9 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 3 ފެބުރުވަރީ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ. އަދި، 2 މާރިޗު 2016 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.