ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުބީން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

_DSC7399ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުބީން ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14  ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މިކުއްލި މައްސަލައަކީ، ޖަރުމަނުގެ ބާލިންގައި ކުރިއަށް ދިޔަ އަ.އި.ޓީ.ބީ ފެއާގައި ފަތުރުވެރިކަމަށް ހުރަސްއަޅަން ހިންގި ހަރަކާތްތަކަކާއި ގުޅިގެން އެކަން ކުށްވެރިކުރައްވައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށާއި ދިވެހިރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ހުށަހެޅުނު ކުއްލި މައްސަލައެކެވެ.

މިއަދުގެ ޖަލްސާގައި، މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 29 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 7 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލައަށް 41 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

7 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016