މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/32) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 43 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 16 މެންބަރަކު ވޯޓްދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް އުޡްމާނެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 22 ފެބުރުވަރީ 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ. އަދި، 7 މާރިޗު 2016 ވީ ހޯމަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 މާރިޗު 2016 ވާ ހޯމަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
7 ޖުމާދަލްއާޚިރާ 1437
16 މާރިޗު 2016